
MUSLIMS FOR
PEACE

لَّا يَنْهَاكُمُ اللَّهُ عَنِ الَّذِينَ لَمْ يُقَاتِلُوكُمْ فِي الدِّينِ وَلَمْ يُخْرِجُوكُم مِّن دِيَارِكُمْ أَن تَبَرُّوهُمْ وَتُقْسِطُوا إِلَيْهِمْ ۚ إِنَّ اللَّهَ يُحِبُّ الْمُقْسِطِينَ
Allah does not forbid you from those who do not fight you because of religion and do not expel you from your homes - from being righteous toward them and acting justly toward them. Indeed, Allah loves those who act justly. (Surah Mumtahna verse 8)

ދީނީގޮތުން ހައްދުފަހަނައަޅާފައިވާ ފަރާތްތަކުން އޮޅުވާލާފައިވާ ބައެއް ދީނީ ކަންތަކުގެ ޙަޤީޤީ މާނަ މި ވެބްސައިޓުގައި ގެނެސްދެވޭތޯ ބަލާފައިވާނެއެވެ. އެގޮތުން މި ޕޭޖުގައި މިވަނީ އިނގިރޭސި ބަހުން ގެނެސްދެވިފައިވާ މަޢުލޫމާތުގެ ކުރު ޙުލާސާއެކެވެ.
ޖިހާދު
ޖިހާދު، މިލަފްޒުގެ މާނައަށް ބަލާއިރު ބަހުގެ މާނައަކީ ކަމަކާއި މެދު އެމީހަކަށް ކުރެވެން އޮތް އެންމެ މަތީ މިންވަރަށް މަސައްކަތް ކުރުމެވެ. ޝަރީޢަތުގެ އިސްތިލާހުގައި ޖިހާދުގެ މާނައަކީ، މީހެއްގެ ވަރުގަދަކަމާއި ކުޅަދާނަކަން ތިމާ އީމާންވެގެން ހުރި ހައްޤުގޮތް ކުރިއެރުވުމުގައި (ﷲ ގެ ކަލިމަފުޅު މަތިވެރި ކުރުމުގައި) ހޭދަކުރުމެވެ. އެއީ ފުރާނައިގެ ގޮތުގައި ވިޔަސް، ފަސާދަ އާއި ނުބައި ކަންތައްތަކުން މީސްތަކުން ރައްކާތެރި ކުރުމުގައްޔާއި، ކެރިގެން ދުޝްމިނަކާއި ކުރިމަތި ލުމުގައްޔާއި، ތަފާތު އެކި ގޮތްގޮތުން (ސިޔާސީ ގޮތުންނާއި އަސްކަރީގޮތުން އަދި އިޖްތިމާޢީ ގޮތުން)، އިސްލާމްދީނަށް ނަޞްރު ދިނުމެވެ.
އަލްއިމާމް އިބްނު ޤައްޔިމް އަލްޖައުޒިއްޔާ ވަނީ މައިގަނޑު 4 ބަޔަކަށް ޖިހާދު ބައްސަވާފައެވެ. އެއީ ނަފްސުގެ ޖިހާދާއި، ޝައިޠާނާ އާއި ދެކޮޅަށް ކުރާ ޖިހާދާއި، ކާފަރުންނާއި ދެކޮޅަށް ކުރާ ޖިހާދާއި އަދި މުނާފިޤުންނާއި ދެކޮޅަށް ކުރާ ޖިހާދެވެ.
އަސްކަރީ ޖިހާދަކީ ވަރަށް މަދު ޙާލަތެއްގައި، ވަރަށް ހަރުކަށި ޤަވާއިދުތަކެއްގެ ދަށުން ކުރެވޭ ކަމެކެވެ. ބަޤަރާ ސޫރަތުގެ 190 ވަނަ އާޔަތުގައި ﷲ سُبْحَانَهُ وَ تَعَالَى ވަޙީ ކުރައްވާފައި ވެއެވެ:
وَقَاتِلُوا فِي سَبِيلِ اللَّهِ الَّذِينَ يُقَاتِلُونَكُمْ وَلَا تَعْتَدُوا ۚ إِنَّ اللَّهَ لَا يُحِبُّ الْمُعْتَدِينَ
މާނައީ: ތިޔަބައިމީހުންނާއި ހަނގުރާމަ ކުރާ މީހުންނާއި ތިޔަބައިމީހުން ﷲ ގެ މަގުގައި ހަނގުރާމަ ކުރާށެވެ. (އެކަމުގައި) ތިޔަބައިިމީހުން (އިސްވެ ހަނގުރާމަ ފެށުމުގެ ގޮތުން) ހައްދު ފަހަނަޅައި ނުދާށެވެ. ހަމަ ކަށަވަރުން (އިސްވެ ހަނގުރާމަ ފެށުމުގެ ގޮތުން) ހައްދުފަހަނަޅައިދާ މީހުންދެކެ ﷲ ލޯބި ވޮޑިގެން ނުވެއެވެ.

އަލް ވަލާ ވަލް ބަރާ
އަލް ވަލާ ވަލް ބަރާ އަކީ ﷲ سُبْحَانَهُ وَ تَعَالَى އަށް ޓަކައި މީހުންދެކެ ލޯބި ވުމާއި ނުރުހުން ވުމެވެ. ޝަރުޢީ ގޮތުން ބަލާނަމަ އެއީ ﷲ سُبْحَانَهُ وَ تَعَالَى ރުއްސަވާ ގޮތަށް އުޅޭ މީހުން ދެކެ އެ އިލާހަށްޓަކައި ލޯބި ވުމާއި ﷲ سُبْحَانَهُ وَ تَعَالَى ނުރުއްސަވާ ކަންތަކާއި އެކަންތައް ކުރާ މީހުން ގެ ކިބައިން ބަރީޢަ ވެގަތުމެވެ. ނަމަވެސް މިހާރުގެ ތަކްފީރީން ވަނީ މި ކަން އޮޅުވާލައި، އަލް ވަލާ ވަލް ބަރާ އަކީ ސުލްހަ ވެރިކަމާއި އެކު އުޅޭ މީހުންނާއި، މުޢާހިދުންވެސް ހިމެނޭ ގޮތަށް ކާފަރުންނާއި ހުރހާ ގޮތަކުން ދުރުވެ، އެކަހެރި ވުމާއި އެމީހުންނަށް ނަފަރަތު ކުރުން ކަމުގައި ނިންމައި ފަތުރަން ފަށާފައެވެ. ނަމަވެސް މުމްތަހިނާ ސޫރަތުގެ 8 ވަނަ އާޔަތުގައި ﷲ سُبْحَانَهُ وَ تَعَالَى ވަޙީ ކުރައްވާފައިވެއެވެ:
لَّا يَنْهَاكُمُ اللَّهُ عَنِ الَّذِينَ لَمْ يُقَاتِلُوكُمْ فِي الدِّينِ وَلَمْ يُخْرِجُوكُم مِّن دِيَارِكُمْ أَن تَبَرُّوهُمْ وَتُقْسِطُوا إِلَيْهِمْ ۚ إِنَّ اللَّهَ يُحِبُّ الْمُقْسِطِينَ
ތިޔަބައި މީހުންގެ ދީނާއިހުރެ ތިޔަބައިމީހުންނާއި ހަނގުރާމަނުކުރާ، އަދި ތިޔަބައިމީހުންގެ ގޮވަތި ގެދޮރުން ތިޔަބައިމީހުން ބޭރުކޮށްނުލާ މީހުންނަށް ތިޔަބައި މީހުންނަށް ހެޔޮކޮށް ހިތައި، އަދި އެއުރެންނަށް ޢަދުލުވެރިގޮތުގައި ކަންތައް ކުރުން، ﷲ ތިޔަބައިމީހުންނަކަށް މަނައެއް ނުކުރައްވަތެވެ. ހަމަކަށަވަރުން, ޢަދުލު ވެރިންދެކެ ﷲ ލޯބި ވޮޑިގެން ވެތެވެ.
ތަކްފީރު
ތަކްފީރު ކުރުމަކީ މިފަހަކަށް އައިސް ވަރަށް އާއްމު ވަމުންދާ ކަމެކެވެ. ނަމަވެސް އެއީ ވަރަށް ނުބައިވެގެންވާ ކަމެކެވެ. ތަކްފީރު ކުރުމަކީ ތިމާގެ މުސްލިމު އަޙާ ކާފަރު ކުރުމެވެ. ސަލާމާއި ސަލަވާތް ލެއްވި ރަސޫލާ ހަދީޘްފުޅު ކުރައްވާފައި ވެއެވެ.
أَيُّمَا امْرِئٍ قَالَ لِأَخِيهِ يَا كَافِرُ فَقَدْ بَاءَ بِهَا أَحَدُهُمَا إِنْ كَانَ كَمَا قَالَ وَإِلَّا رَجَعَتْ عَلَيْهِ
މާނައީ މީހާ އެނާގެ އަޙާ ކާފިރުކޮށްފިނަމަ އެ ދެމީހުންކުރެ އެކަކަށް އެ ޙުކުމް ޙައްޤުވާނެއެވެ.
އަދި އެހެން ސައްޙަ ރިވާޔަތެއްގައި އައިސްފައިވެއެވެ:
من دعا رجلا بالكفر، أو قال: عدو الله، وليس كذلك إلا حار عليه
ހަމަ ކަށަވަރުން ދެމީހަކު ކުރެން އެކަކު ކާފަރު ވެއްޖެ އެވެ. އަދި އެހެން ބުނި މީހާ ބުނިގޮތާއި ޙިލާފް ވެއްޖެނަމަ އެބަހީ ޙުކުމް ކުރެވުނުމީހާ އަކީ ކާފަރަކަށް ނުވިނަމަ، އެޙުކުމް އަނބުރާ ބުނި މީހާ އަށް ރުޖޫޢަ ވާނެއެވެ.
ޙިލާފަތު
ރަސޫލުﷲ صلى الله عليه وسلم ސުވަރުގެ ވަޑައިގެނެވުމާއި ހިސާބުން ފެށިގެން، ގާތްގަނޑަކަށް 13 ޤަރުނުވަންދެން އިސްލާމީ ދުނިޔޭގައި ވެރިކަން ކުރީ ޙަލީފާއިންނެވެ. އެއީ 1924 ވަނަ އަހަރު އުސްމާނީ ޙިލާފަތުގެ ނިމުން އައި ހިސާބަށެވެ
ވެރިކަމެއް ޤާއިމްކުރުމަށް ޢިލްމުވެރިން ޛިކުރުކުރައްވާ އެންމެހާ ގޮތްތައް ޙަޤީޤަތުގައި ރުޖޫޢަވަނީ އެންމެ އަމާޒަކަށެވެ. އެއީ ވެރިކަމުގެ މަޤުޞަދު ޙާޞިލުކޮށްދޭނެ އާރަކާއި ބާރެއް ހޯދުމެވެ.
. އެގޮތުން ވެރިކަމުގެ މަޤުޞަދު ޙަޞިލުކުރެވެނީ
ހ- ހުއްދަ ނޫން ގޮތުން، އެއީ އެއްވެސް މަޝްވަރާއެއްނެތި ގަދަބާރުން ވެރިކަމަށް އަންނަ ޚަލީފާއެވެ.
ށ- ޝަރީއަތުގައި ބަޔާން ވެގެންވާ ހުއްދަ ގޮތުން. އެގޮތުން ޝަރުޢީ ގޮތަކީ، އަމުރުވެރިންނާއި ކަމުވޮށިގެންވާ މީހުން ނުވަތަ އަހުލުލް ޙައްލި ވަލް ޢަޤްދްގެ މީހުން ވަކި ފަރާތަކަށް ބައިޢަތު ދިނުން.
މި ގޮތަށް ބަލާއިރު، ޙިލާފަތަށް ދައުވާކޮށްގެން އުޅޭ އައި.ސިސް އޭ މިކިޔޭ ބައިގަނޑުގެ ލީޑަރ އަބޫ ބަކުރު ބަޢުދާދީއަށް ބައިޢަތު ދިން އެއްވެސް އަމުރުވެރިއަކު އިސްލާމީ އުއްމަތުގައި ނެތެވެ. އެހެންކަމުން އޭނާގެ ދަޢުވާ އަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭވެ ދަޢުވާއެއް ނޫނެވެ
ދީނުގައި ޙައްދު ފަހަނައަޅާ ދިއުން
ދީނުގައި ޙައްދު ފަހަނައަޅާ ދިއުން މިބަސް ޢަރަބި ބަހުގައި އައިސްފައިވަނީ اَلْغُلُوُّ މިބަހުގެ ގޮތުގައެވެ. މިބަހުގެ ޝަރުޢީ މާނައަކީ : ﷲގެ އަޅަކަށް ކަނޑައެޅިފައިވާ ޙައްދުގެ އިން ފަސްދީ ޝަރުޢުގައި ބަޔާންވެފައިވާ މިންވަރާ ދުރުވުމެވެ. މިޙާލަތުގައި އޭނާގެ ޚިޔާލަކީ ޝަރުޢުގައިވާ މިންވަރަކީ މަދުމިންވަރެއް ކަމުގައެވެ. އެވަރަކުން ނުފުދޭނެ ކަމުގައެވެ. މިހެންވެ އޭނާ އަމިއްލައަށް ކަންކަން އިތުރުކުރެވެނީއެވެ. އޭރު އޭނާ ހީކުރަނީ އެގޮތަށް އެކަން ކުރުމަކީ ޝަރުޢީ ގޮތުން ލިބޭ ކުރިއެރުމެއް ކަމުގައެވެ.
ައްދު ފަހަނައަޅާ ދިއުމަކީ މީސްތަކުން ނަފްރަތު ކުރާކަމެކެވެ. އެހެންކަމުން ޢާދައިގެ ޢާއްމު އިންސާނުންގެ ޠަބީޢަތާއި މިކަމާއި ގުޅިގެންހުރި ކަންތައްތަކެއް ނުވާނެކަމުގައެވެ. މީސްތަކުންކުރެ މަދުބަޔަކު އެކަމަށް ކެތްތެރިވިޔަސް ގިނަ ބަޔަކަށް އެކަމަށް ކެތްތެރިއެއް ނުވެވޭނެއެވެ. ޝަރީޢަތަކީ ވަކިމީހަކަށް ނުވަތަ ވަކި ޚާއްޞަ ބަޔަކަށް އޮތް އެއްޗެއް ނޫނެވެ. އެއާއި ޚިލާފަށް އެންމެހާ މީސްތަކުންނާ މުޚާޠަބު ކުރާ އެއްޗެކެވެ. މިހެންކަމުން މުޢާޛު ބުނު ޖަބަލާއި އަބޫ މޫސަލްއަޝްޢަރީ ޔަމަނުކަރައަށް ފޮނުއްވަމުން އެދެބޭކަލުންނަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ.
يَسِّرَا وَلاَ تُعَسِّرَا وَبَشِّرَاوَلاَ تُنَفَِّرَا وَتَطَاوَعَا وَلاَ تَخْتَلِفَا - رواه البخاري
މާނައަކީ:" ތިޔައިގެ ދެބޭކަލުން މީސްތަކުންނަށް ލުއިފަސޭހަކޮށް ދެއްވާށެވެ. އަދި ދީނުގެ ކަންކަން އުދަނގޫ ނުކުރައްވާށެވެ. އަދި ދީނުގެ ކަންކަމުގެ އުފާވެރިކަމުގެ ޚަބަރު ދެއްވާށެވެ. އަދި ތިޔައިގެ ދެބޭކަލުން ﷲގެ އަމުރުތަކަށް ކިޔަމަންވާށެވެ! އަދި ކަންކަމުގައި އިޚްތިލާފު ނުވާށެވެ."
އަދި ޢުމަރުބުނުލްޚައްޠާބު ރަޟިޔަﷲ ޢަންހުގެ ބަސްފުޅެއްގައި ވެއެވެ.
لاَ تُبَغِّضُوا لله إِلىَ عِبَادِه فَيَكُوْن أحَدكم إماماً فَيُطَوِّل عَلَى الْقَوْم الصَّلاة حَتَّى يُبَغِّضَ إليهم ماهُم فِيْه
މާނައަކީ: " ﷲ ތަޢާލާއާއި މެދުގައި އެކަލާނގެ އަޅުތަކުންގެ ހިތުގައި ނަފްރަތާއި ރުޅިވެރިކަން ތިޔަބައިމީހުން ނުއުފައްދާށެވެ. މިގޮތުން ފަހެ ތިޔަބައިމީހުންކުރެ މީހަކު އިމާމަކު ކަމުގައިވާ ޙާލު ޖަމާޢަތުގެ މީހުންގެ މައްޗަށް ނަމާދު ދިގު ކުރުމުގެ ސަބަބުން އެނަމާދާއިމެދުގައި މީސްތަކުންގެ ހިތުގައި ނަފްރަތާއި ރުޅިވެރިކަން އުފެދި ދާ ދަރަޖައަށް ނަމާދު ދިގުނުކުރާށެވެ."